ޤާނޫނުއަސާސީގެ މަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މުޅިން ނިންމަވައިފި
2008-06-26
މިއަދު ހެނދުނު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ މަސައްކަތް މުޅިން ނިންމަވައިފިއެވެ.
މިއަދުގެ ޖަލްސާގައި، ޤާނޫނުއަސާސީގެ ފާސްކޮށް ނިމިފައިވާ މާއްދާތަކުގައި ހުރި އިމްލާ ކުށްތަކާއި އިބާރާތްތައް އެއްގޮތްކުރުމާއި ފުށުއަރާ ފުށުއެރުންތައް ނައްތާލުމާއި މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްއުނިކުރެވިފައި ވާނަމަ އެކަން ފާހަގަކުރުމާއިއެކު އައު މާއްދާއެއް ނުވަތަ މާއްދާއަކަށް ބައެއްއިތުރުކުރެވިފައިވާނަމަ އެކަމަކާ ބެހޭގޮތުން ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީން ގެންގުޅުއްވި އުސޫލުތައް މަޖިލީހަށް ހާމަ ކޮށްދެއްވުމަށް ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީގެ މުޤައްރިރު މާލޭ މެންބަރު އިބްރާހީމް އިސްމާޢީލަށް ފުރުޞަތު ދެއްވާފައިވެއެވެ.
ޖަލްސާގައި ޤާނޫނުއަސާސީގެ ފާސްކޮށްފައިވާ މާއްދާތަކުގައި ހުރި ބައެއް އިމްލާކުށްތައް ފާސްކުރެއްވުމަށްފަހު، ގެނެވުނު އިސްލާޙުތަކާއެކު ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ޤާނޫނުއަސާސީ ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެންތިއްބެވި 94 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިނެންގެވިވޯޓުގައި ނުފެންނަކަމަށް ވޯޓު ދެއްވީ، 5 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ޖެހިވަޑައިނުގެން ވޯޓު ދެއްވީ 15 މެންބަރުންނެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްވަނީ ޤަނޫނުއަސާސީ ނިންމުމުގައި އެހީތެރިވެދެއްވާ މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
|