ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލާއި ދިވެހި ރެޑް ކްރެސެންޓް ބިލު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ފާސްކުރައްވައިފި
2009-04-29
(19).jpg)
އިތުރު ފޮޓޯތައް ބައްލަވާ
މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ސައްބީސް ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލާއި ދިވެހި ރެޑް ކްރެސެންޓް ބިލު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލަށް މަޖިލީހުގެ ގަވާއިދުގެ 56 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅި ތާއީދު ލިބިފައިވާ އިޞްލާޙަށްވަނީ ވޯޓަށް އައްސަވައިގެން ފާސްކުރައްވާފައެވެ. އެ އިޞްލާހަކީ ބިލުގެ 11 ވަނަ މާއްދާ އުނިކުރުމަށް ކޮޅުމަޑުލު މެންބަރު ޙަސަން އަފީފް ހުށަހަޅުއްވާފައިވާ އިޞްލާޙެވެ. މިއަދުގެ ޖަލްސާގައި މިބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއަށްފަހު ބިލުގައި ހުރި ބައެއް މުހިންމު ކަންކަމާގުޅޭގޮތުން މެންބަރުން ފާޅުކުރައްވަން ބޭނުންފުޅުވާ ކަމެއް ބަޔާންކުރެއްވުމަށް ފުރުޞަތު ހުޅުވާލެއްވުނު 22 މެންބަރުން ވާހަކަދެއްކެވިއެވެ. އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު މިހާރު ބިލުއޮތްގޮތުގެ މައްޗަށް ފަހު ބަޔާން އިއްވެވުމުގެ ގޮތުން ވާހަކަދެއްކެވިއެވެ. އެއަށްފަހު 26 އޭޕްރީލް 2009 ވީ އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލަށް ގެނެވުނު އިޞްލާޙުތަކާއި މިއަދުގެ ޖަލްސާގައި ފާސްކުރެވު އިޞްލާޙާއެކު މިބިލު މަޖިލީހުން ފާސްކުރުމަށް ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާޤުންނެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލު ފާސްކުރެއްވުމަށްފަހު މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވީ ދިވެހި ރެޑް ކްރެސެންޓް ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުމެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވައިދެއްވީ މިބިލު ދިރާސާކުރެއްވި އިޖްތިމާޢީ ކަންކަމުގެ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު މެންބަރު އަބްދުﷲ މަޞީޙް މުޙަންމަދެވެ. އެއަށްފަހު މިބިލަށް އެއްވެސް މެންބަރަކު އިޞްލާޙު ހުށަހަޅުއްވާފައިނުވުމާއެކު މިބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުހަލާ ނިންމަވާލައްވައި ރިޔާސަތުން މިބިލުގެ ތިންވަނަ ކިޔުން އިއުލާނުކުރެއްވިއެވެ. ތިންވަނަ ކިޔުމުގައި އެއްވެސް މެންބަރަކު ވާހަކަދެއްކެވުމަށް ފުރުޞަތަށް އެދިވަޑައިނުގެންނެވުމުން ރިޔާސަތުންވަނީ ތިންވަނަ ކިޔުން ނިންމަވާލައްވާފައެވެ.
ދިވެހި ރެޑް ކްރެސެންޓް ިބިލު ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުން ކުރިއަށް ގެންދެވާފައިވެއެވެ. މިރިޕޯޓް ހުށަހަޅުއްވައިދެއްވީ ދާޚިލީ ކަންކަމުގެ ކޮމިޓީގެ މުޤައްރިރު ކޮޅުމަޑުލު މެންބަރު ޙަސަން އަފީފެވެ. މިބިލަށްވެސް އެއްވެސް މެންބަރަކު އިޞްލާޙެއް ފޮނުއްވާފައިނުވުމާއެކު މިބިލުގެވެސް ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުހަލާއާއި ތިންވަނަ ކިޔުން ނިންމަވާ ރިޔާސަތުންވަނީ މިބިލު ފާސްކުރެއްވުމަށް ވޯޓަށް އައްސަވާފައެވެ. މިބިލު ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓާބެހޭ ގޮތުން ކުރެވުނު ބަހުސްގައި މެންބަރުން ކުރެއްވި ސުވާލުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޢުލޫމާތު ސާފުކޮށްދެއްވުންވެސް ކުރިއަށް ގެންދެވިއެވެ. މިގޮތުން 2009 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ވާހަކަދައްކަވާފައިވެއެވެ.
ސަޕްލިމެންޓްރީ ބަޖެޓާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ވަޒީރަށް ފުރުޞަތު ދެއްވުމުގެ ކުރިން މިއަދުގެ ޖަލްސާގައި ހުވަދުއަތޮޅު އުތުރުބުރީ މެންބަރު ޢަބްދުﷲ ޖާބިރު މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމާ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް ވަޒީރު ދެއްވި ޖަވާބާގުޅިގެން އިތުރު ސުވާލުކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 7 މެންބަރުން ސުވާލުކުރައްވާފައިވެއެވެ.
ހުސްވަގުތުކޮޅުގެ ކުރިން 36 މެންބަރުން ހުސްވަގުތުކޮޅުގެ ފަހުން 41 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 30 އޭޕްރީލް 2009 ވާ ބުރާސްފަތިދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
* ޚަބަރާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިޔާ ސެކްޝަނާއި ގުޅުއްވުން އެދެމެވެ. (ފޯނު: 0673 334 960+ ފެކްސް: 4104 332 960 +)
4 ޖުމާދަލްއޫލާ 1430
29 އޭޕްރީލް 2009
|