ދިވެހި ރެޑް ކްރެސެންޓްގެ ބިލު އަދި އާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެ މަޖިލީހުގެ އިޖުތިމާޢީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފި
2009-02-03

އިތުރު ފޮޓޯތައް ބައްލަވާ
މިއަދު ހެނދުނު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހި ރެޑް ކްރެސެންޓްގެ ބިލު އަދި އާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެ މަޖިލީހުގެ އިޖުތިމާޢީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ދިވެހި ރެޑް ކްރެސެންޓްގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުހަލާގައި 15 މެންބަރުންގެ އިތުރުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމުގެގޮތުން އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވާހަކަދެއްކެވިއެވެ.
މިބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާގައި ވާހަކަދައްކަވަން އެދިވަޑައިގެންތިއްބެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށްފަހު، މަޖިލީހުން ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ފާސްވީ، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށްއެއްސެވުމަށްފަހު، މުލަކަތޮޅު މެންބަރު އަނީސާ އަޙްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަތުމަށް ވޯޓަށްއެއްސެވުމުން ފާސްވީ، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާގައި، ދިވެހި ރެޑް ކްރެސެންޓްގެ ބިލު އަދި ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޖުތިމާޢީ ކަންކަމުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުނު ހުށަހެޅުމަށް ވޯޓަށް އެއްސެވުމުންވަނީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާކުރިއަށް ގެންދެވުމުގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މެންބަރު އަލީ މުޙަންމަދު، ނ. ހޮޅުދޫ އިރުމަތީފަރާތް އާދަޔާ ޚިލާފަށް ގިރަމުން އަންނާތީ، މިކަމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ މީހުންނަށާއި ގެދޮރަށް ގެއްލުންލިބެމުން ދާތީ، މި ނާޒުކު އަދި ބިރުވެރި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދިނުމަށް އެދި ރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެދެމުންދާތީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްއެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަން ހުށަހެޅުއްވުންކުރިއަށް ގެންދަވާފައިވެއެވެ. މިޕެޓިޝަން ހުށަހެޅުއްވުމަށްފަހު، މި ޕެޓިޝަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުއްވުމަށް ރިޔާސަތުން ނިންމެވީއެވެ.
ހުސްވަގުތުކޮޅުގެ ކުރިން 30 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 38 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 4 ފެބްރުއަރީ 2009 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
|