ދިވެހި ރެޑް ކްރެސެންޓްގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ފަށްޓަވައިފި
2009-02-02
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހި ރެޑް ކްރެސެންޓްގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ފަށްޓަވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މިބިލު ހުށަހަޅުއްވާދެއްވުމުގެ ގޮތުން ވާހަކަދެއްކެވީ، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދެވެ. އެއަށްފަހު، މިބިލަށް ބަހުސްކުރެއްވުމަށް ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި 17 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީ މިބިލަށް އިތުރު މެންބަރުން ވާހަކަދެއްކެވުމަށް އެދިވަޑައިގެން ތިއްބަވަނިކޮށެވެ.
މިބިލަކީ، ދިވެހި ރެޑް ކްރެސެންޓްގެ ނަމުގައި އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ، މިނިވަން މުސްތަޤިއްލު ޖަމާޢަތެއް އުފައްދައި، އެ ޖަމާޢަތް ދިވެހިރާއްޖޭގައި ހިންގުމުގެ ޤާނޫނީ ހައިސިއްޔަތު ދީ އަދި އެޖަމާޢަތާބެހޭ މައިގަނޑު އަސާސްތައް ބަޔާންކުރާ ޤާނޫނެއް އޮތުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގެން ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާކުރިއަށް ގެންދެވުމުގެ ކުރިން މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ބައެއް ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެންފައިވާތީ އެޤައުމުތަކާއި އެޤައުމުތަކަށް ކަނޑައަޅުއްވާ ބޭފުޅުންގެ ނަންތައް އިއްވައި މަޖިލީހުގެ މަޝްވަރާއެރުވުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 152 ވަނަ މާއްދާގެ (2) ގައިވާ ގޮތުގެ މަތިން 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮއްވެވުން ކުރިއަށް ގެންދަވާފައިވެއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ހުށަހެޅި ތާއީދު ލިބުނު ހަމައެކަނި ކޮމިޓީ ނަން ލިސްޓަށް ވޯޓަށް އެއްސެވުމުން، ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަދުގެ ޖަލްސާގައި ފާސްވެފައިވާ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ، ތިލަދުންމަތީ ދެކުނުބުރީ މެންބަރު އަޙްމަދު ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުޙަންމަދު ރިޔާޒް، މިލަދުންމަޑުލު ދެކުނުބުރީ މެންބަރު ޢަލީ މުޙަންމަދު، ފުވައްމުލަކު މެންބަރު މުޙަންމަދު އިބްރާހީމް ދީދީ، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އިބްރާހީމް ޝަހީދު ޒަކީ، ކޮޅުމަޑުލު މެންބަރު ޙަސަން ޢަފީފް އަދި މާލެއަތޮޅު މެންބަރު މާރިޔާ އަޙްމަދު ދީދީ އެވެ. މިކޮމިޓީ އަކީ ހައްދުންމަތީ މެންބަރު މޫސާ މަނިކް ހުށަހަޅުއްވާ ހުވަދުއަތޮޅު އުތުރުބުރީ މެންބަރު ޢަބްދުﷲ ޖާބިރު ތާއީދު ކުރެއްވި ކޮމިޓީ ލިސްޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ބައެއް ޤައުމުތަކުގެ ސަފީރުންގެ ގޮތުގައި ކަނޑައެޅުއްވުމަށް ފޮނުއްވާފައިވާ ބޭފުޅުންނަކީ، އިގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ޑރ. ފަރަހަނާޒް ފައިސަލް / ހ. އަމީނީގެ ، މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖެ ސަފީރުކަމަށް އަލްފާޟިލް މުޙަންމަދު ޒަކީ / މ. އަޙްމަދީ އާބާދު އަދި އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް / މ. ދޫނި ހުރާ އެވެ.
ހުސްވަގުތުކޮޅުގެ ކުރިނާއި ފަހުން، 32 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 3 ފެބްރުއަރީ 2009 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
* ޚަބަރާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަނާއި ގުޅުއްވުން އެދެމެވެ. (ފޯނު: 0673 334 960+ ފެކްސް: 9960 300 960 +)
7 ޞަފަރު 1430
2 ފެބްރުއަރީ 2009
|