ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. މަޖިލީހުގެ ރައީސަކީ، ވަކިފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާޢިދާއި އަދި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އިދާރާ އާއި މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއްގައި، މަޖިލީހުގެ ރައީސް ޙިޔާލެއްފާޅެއް ފާޅުކުރައްވައި އެކަމާމެދު ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވައިގެން ނުވާނެއެވެ.


މަޖިލީހުގެ މިހާރުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސަކީ ކެޔޮދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ ޝާހިދެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތީ 28 މެއި 2009 ގައި ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 42 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

އަލްފާޟިލް އަބްދުﷲ ޝާހިދަކީ 1994 ވަނައަހަރުން ފެށިގެން  މިއަދާހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުންގެންދަވާތާ 15 އަހަރުވެފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހިރައްޔިތުންގެ ޕާޓީ އަށް ނިސްބަތް ވެވަޑައިގަންނަވާ މެންބަރެކެވެ.