ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. މަޖިލީހުގެ ނައިބުރައީސަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގަޔާއި މަޖިލީހުގެ ކަންކަން ހިންގެވުމުގައި މަޖިލީހުގެ ރައީސަށް އެހީތެރިވެދެއްވަން ހުންނަވާ ބޭފުޅެކެވެ. މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، ވަގުތީ ގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރައްވަވާނީ ޤާނޫނުއަސާސީގައި ނުވަތަ މަޖިލީހުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު މަޖިލީހުގެ ނައިބު ރައީސެވެ.
މަޖިލީހުގެ މިހާރުގެ ނައިބުރައީސް
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބުރައީސަކީ ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ނާޒިމް އެވެ. އެމަނިކުފާނު މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބުކުރެވުނީ 28 މެއި 2009 ގައި ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައިސަކު އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި 41 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.
އަލްފާޟިލް އަޙުމަދު ނާޒިމަކީ 2000 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުން މެދުނުކެނޑި ޚިދުމަތް ކުރައްވަމުންގެންދަވާތާ 10 އަހަރު ވެފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީއުޕަލްސް އެލައެންސް އަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ.
