ނެކްސްބިޒް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފި

ނެކްސްބިޒް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއި ޙަވާލު ކޮށްގެން ކުރިއަށް ގެންދާ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ އެގްރީމަންޓްގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އުފުލަންޖެހޭ އިލްތިޒާމްތަކަކީ ކޮބައިތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވުމަށް އެކޮމިޓީގެ 2012 ވަނަ އަހަރުގެ 66 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާތީ އެކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީ އަކުންނެވެ.
މާލިއްޔަތު ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވަނީ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހިންގުމުގައި މަސައްކަތާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކުގައި އޮންނަންވާ ގުޅުމާއި އެއްބާރުލުން އެއްވެސް މިންވަރަކަށް ނެތް ކަމަށެވެ. އަދި މި މަޝްރޫޢާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ކޮޕީއެއް މިއަދާ ހަމައަށްވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީ ނަންބަރު:  13E/57/2012/69 ސިޓީގައި (13 ނޮވެމްބަރ 2012) ބުނެފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގައި ޓެކްސް މަޢާފް ކޮށްދޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު، ޓެކްސް މަޢާފް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ އެގްރީމެންޓްގައި  ސޮއިކޮށްފައިވާކަމަށާއި، އެ ޓެކްސް މަޢާފުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މިއަދާ ހަމަޔަށްވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކޮށްފައިނުވާ ކަމަށެވެ. އަދި މިކަމާގުޅޭ ޞައްޙަ ތެދު މަޢުލޫމާތު ސަރުކާރުގެ އިދާރާތަކުގައި ނެތްކަމަށް ވިދާޅުވާ ކަމަށާއި އަދި ހުރި ބައެއް މަޢުލޫމާތުވެސް މަޖިލީހަށް ލިބިދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބިދީފައި ނުވާ ކަމަށްވެސް މާލިއްޔަތު ކޮމިޓީން ފޮނުއްވި ސިޓީގައި ދަންނަވާފައިވެއެވެ.