އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

11 ފެބުރުވަރީ 2019

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލެޝް މިޝްރާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިއާ ސަފީރު ރާއްޖޭގައި މަސައްކަތް ކުރެއްވި މުއްދަތުގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވުމުގައި، ދިވެހިންނާއި ދިވެހި ސަޤާފަތައް ދެއްވި އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާ ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގުޅުން ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެކަމަށްޓަކާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގައި މަސައްކަތް ކުރެއްވި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދިވެހި ރައްޔިތުން ދެއްވި އެބާރުލުމާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ދެ ޤައުމު ގުޅިގެން، އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.